އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި އަވަހާރަކޮށްލި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގައި މިއަދު ފަށައިފިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ޖަނާޒާ ބޭއްވުމަށް އެންމެ ފުރަތަމަ ރޭވީ މާޗް މަހު ނަމަވެސް، މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން މި ރަސްމިއްޔާތުތައް ވަނީ ފަސްކޮށްފައެވެ.
ޚާމަނާއީގެ ހަށިގަނޑު އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އުފަން ރަށް މަޝްހާދުގައި ވަޅުލުމުގެ ކުރިން، ތެހެރާނުގެ ގްރޭންޑް މޮސާލާގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޖަނާޒާގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށް ދަނީ ގައުމުތަކުގެ ވެރިންނަށް ހާއްސަ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުގެ އިސްވެރިން މިހާރު ދަނީ އީރާނަށް ވަޑައިގަންނަވަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ”ގަރުނުގެ ޖަނާޒާ“ ގެ ގޮތުގައި ސިފަކުރާ މި ހަރަކާތްތަކުގައި 12 އާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އީރާނުގެ މުހައްމަދު ރަސޫލުﷲ ކޯޕްސް އިސްވެ ތެހެރާނުގައި ހަ ދުވަހުގެ ރަސްމިއްޔާތުތައް ފަށާފައިވާއިރު، ގިނަ އަދަދެއްގެ މީހުން އެއްވާތީ ޚާމަނާއީގެ ސަންދޯއް ބަހައްޓާފައި ވަނީ މީހުންނަށް ކައިރި ނުވެވޭނެހެން ހާއްސަ ސަރަހައްދެއްގައެވެ.
ޚާމަނާއީގެ ހަށިގަނޑު ތިން ދުވަސް ވަންދެން ތެހެރާނުގައި ބާއްވާއިރު، އެ ސިޓީގެ އޮފީސްތައް ބަންދުކޮށް، ޓްރެފިކާއި ވައިގެ ސަރަހައްދަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަންގާރަ ދުވަހު ހަށިގަނޑު ޤުމްގެ ޖަމްކަރަންއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހު އިރާގުގެ ނަޖާފާއި ކަރުބަލާގައިވެސް ޖަނާޒާގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
ޖަނާޒާގެ އެންމެ ފަހުގެ ކަންކަން ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ޚާމަނާއީގެ ހަށިގަނޑު ވަޅުލުން އޮންނާނީ ޝިޔައީ މުސްލިމުންގެ މުގައްދަސް ބިމެއް ކަމަށްވާ މަޝްހާދުގެ އިމާމް ރައްޒާ ޒިޔާރަތުގައެވެ.



