ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި އޮސްޓްރޭލިއާ ބަލިކޮށް، މިޞްރުގެ ޤައުމީ ޓީމުން ހޯދި ތާރީޚީ ކާމިޔާބީ އެ ޓީމުގެ ކޯޗު ޙުސާމް ޙަސަން ފަލަސްޠީނުގެ ރައްޔިތުންނަށް ހާއްސަކޮށްފިއެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައި، މިޞްރުން ވަނީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރެއްގައި އެ ޓީމު ހޯދި ފުރަތަމަ މޮޅު ކަށަވަރުކޮށްފައެވެ. މި ކާމިޔާބީއާއެކު މިޞްރު ދެން ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާއެވެ.
”މާތްﷲ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވައި، އެބައިމީހުންގެ ޝަހީދުންނަށް ރަޙުމަތް ލައްވާށި. އަޅުގަނޑު މި ކާމިޔާބީ ހަދިޔާކުރަނީ މިޞްރުގެ ރައްޔިތުންނަށާއި، ފަލަސްޠީނުގެ އެ ހިތްވަރުގަދަ، ޝަރަފުވެރި ރައްޔިތުންނަށް،“ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޙުސާމް ޙަސަން ބުންޏެވެ.
މެޗު ނިމުމާއެކު ކޯޗު ޙުސާމް ޙަސަން ވަނީ މިޞްރުގެ ދިދައާއެކު ފަލަސްޠީނުގެ ދިދަވެސް ދަނޑުމަތީގައި ވިހުރުވާލާފައެވެ. އަދި މިޞްރުގެ މުޅި ޓީމުން ވަނީ ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ކޮށްފައެވެ.
މި މޮޅުގެ އުފާ ފަލަސްޠީނުގެ ޣައްޒާގައިވެސް ވަނީ ފާހަގަކޮށްފައެވެ. ހަލާކުވެފައިވާ ޢިމާރާތްތަކާއި ވަގުތީ ފޭލިގެތަކުގެ ކައިރީގައި ބޮޑު ސްކްރީން ބަހައްޓައިގެން ތިބެ، އެތައް ހާސް ބަޔަކު ވަނީ މިޞްރުގެ މޮޅު ފާހަގަކޮށްފައެވެ.



