މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހާއްސަ ހަރަކާތެއްގައި އެ ރަށުގެ އެކި ސަރަހައްދުތަކުން ޖުމްލަ 37.7 ޓަނުގެ ކުނި ނަގައިފިއެވެ.
މި ހަރަކާތަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ރަށް ސާފުތާހިރުކޮށް ބޭއްވުމުގެ މަގުސަދުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި، ކައުންސިލްގެ އިސްވެރިންނާއި، ވިލިމާލެ ސެކްޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވެސް މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތުން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ ވިލިމާލެ ފަދަ ގުދުރަތީ ގޮތުން ރީތި ރަށެއް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ. ގިނަ އަދަދެއްގެ ކުނި ނެގިފައިވީ ނަމަވެސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މާލެ ސަރަހައްދުގެ އާންމު ތަންތަނަށާއި މޫދަށް ކުނި އެޅުމުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 521 މެޓްރިކް ޓަނުގެ ކުނި ވަނީ ނަގާފަ އެވެ.




