މާލޭ ސަރަހައްދުން އިތުރު 55 މީހުންނަށް ހިމަބިހި ޖެހި، މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 121 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 5,495 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ އިދާރާއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް ބާރުއަޅާފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެކްސިންގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން (ޔޫޕީއެޗްސީސީ) ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އޫޕީއެޗްސީސީ: އާދިއްތަ އިން ބުރާސްފަތި ދުވަހަށް (08:30 އިން 12:00 އަށް)
ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ، އަންގާރަ (09:00 އިން 11:00 އަށް) އަދި ބުދަ، ބުރާސްފަތި، ހޮނިހިރު (13:00 އިން 15:00 އަށް)
ސެނެހިޔާ ހޮސްޕިޓަލް: އާދިއްތަ އިން ބުރާސްފަތި ދުވަހަށް (10:00 އިން 16:00 އަށް)
ވިލިމާލެ ހޮސްޕިޓަލް: އާދިއްތަ އިން ބުރާސްފަތި ދުވަހަށް (13:30 އިން 15:30 އަށް)
ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ގާތުން އެއްތާވި މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޔޫޕީއެޗްސީސީގައި އާދިއްތަ އިން ބުރާސްފަތި ދުވަހަށް (14:00 އިން 15:30 އަށް) އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު (09:00 އިން 11:00 އަށް) ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.




