ޖަރުމަނުވިލާތުގައި ހޫނުގަދަވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 5،120 މަރު ރެކޯޑުކޮށްފައިވާ ކަމަށް ރޮބާޓް ކޮޗް އިންސްޓިޓިއުޓް (އާރުކޭއައި)އިން ހާމަކޮށްފިއެވެ.
މަރުވި މީހުންގެ ތެރެއިން ގިނަ މީހުން ނިޔާވެފައި ވަނީ ޖޫން މަހުގެ ފަހުކޮޅުގައެވެ.
އެ ދުވަސްވަރު ޖަރުމަނުގެ އެވަރެޖް ފިނިހޫނުމިން ހުރީ 20 ޑިގްރީ ސެލްސިއަސްއަށްވުރެ މާ ބޮޑަށް މަތީގައެވެ. މިއީ ވިލާތުގެ ޤައުމެއް ކަމަށްވާ ޖަރުމަނުވިލާތަށް ބަލާއިރު އާދަޔާޚިލާފަށް މަތީ މިންވަރެކެވެ. އާރުކޭއައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަރުވި މީހުންގެ ތެރެއިން 4،270 މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުންނެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނަކަން ފާހަގަކުރެވިފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި އަންހެނުން ގިނަވުމެވެ.
ޖަރުމަނުވިލާތުގެ އިތުރުން ވިލާތުގެ އެހެން ޤައުމުތަކުގެ ފިނިހޫނުމިން ވެސް ވަނީ މި އަހަރު ވަރަށް ބޮޑަށް އުފުލިފައެވެ. ވިލާތުގެ ހުޅަނގުގެ ޤައުމުތަކުން މިހާތަނަށް ތަޖުރިބާކޮށްފައިވާ އެންމެ ހޫނު ޖޫން މަހަކީ މިއަހަރުގެ ޖޫން މަހެވެ. ޚާއްޞަކޮށް ޖޫން މަހުގެ 20 އިން 28 އަށް ކުރިމަތިވި ހީޓްވޭވްގައި ފަރަންސޭސިވިލާތް، ބެލްޖިއަމް، ސްޕެއިން އަދި ނެދަލެންޑްސްގައި އާންމުކޮށް މީހުން މަރުވާ ނިޞްވަތަށްވުރެ 4،700 މީހުން އިތުރަށް މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
ހޫނުގަދަވުމުގެ ސަބަބުން މީހުން މަރުވުމަށް މެދުވެރިވަނީ ގިނަ ފަހަރަށް ނުސީދާ ގޮތްގޮތުންނެވެ. އާދަޔާޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެން މަދުވެ، ކިޑްނީ ފޭލުވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެއެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެ، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ސްޓްރެސް އިތުރުވެ ބަލިބޮޑުވުމަށް މެދުވެރިވެއެވެ.




