އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މި ޚިދުމަތް މެދުކަނޑާލަން ޖެހުނީ ”އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު“ ޕްރިންޓް ކުރުމަށް ބޭނުންކުރާ ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން މިދިޔަ މޭ މަހުގެ ތެރޭގައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރުދީފައިވާ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށް ލަފާކުރެވޭތީ، ސާމާނު ލިބުމާއެކު އަލުން އެ ޚިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓު ނުވަތަ އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ ފަދަ ޒަމާނީ ވަސީލަތެކެވެ. މި ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން، ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް ކަށަވަރުކުރުމުގެ ގާބިލުކަން އީ-ގޭޓުތަކަށް ލިބިގެންވެއެވެ.
މި ޚިދުމަތް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިމިގްރޭޝަނުން ދޫކުރަމުންދަނީ ”ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު“ އެވެ. މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާ ކަމަށްވީ ނަމަވެސް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގަނީ 600 ރުފިޔާގެ ފީއެކެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކަށް، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެފަދަ ފަރާތްތަކުގެ އަތުން ”ކެންސަލޭޝަން ފީ“ ނެގުމަކާ ނުލައި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.




