ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 3 ދުވަސް ކުރިން ’ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ’ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް، ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެއެއާލައިނުން ވަނީ އެދިފައެވެ.
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ޓިކެޓުތައް ވިއްކަން ފަށާފައެވެ. މި ފެއަރގެ ދަށުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 12 އިން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ކޮންމެ އާދިއްތަ ދުވަހަކު ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބައިނަލްއަޤްވާމީ މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވާފައިވެއެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ވަނީ މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް ޚާއްސަ ދަތުރުތަކެއް ކޮށްފައެވެ.




