މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި ’މަތީ އަރުތަވެރިންގެ އިނާމު 2025‘ ދިނުމުގެ ރަސްމިއްޔާތުގެ 4ވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2023ވަނަ އަހަރު އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރުގައި މަތީ ސާނަވީ މަރުހަލާއަށް ދަނީ ގްރޭޑް 10ގައި ތިބި ދަރިވަރުންގެ ގާތްގަނޑަކަށް %34 ކަމަށެވެ. އެހެންނަމަވެސް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު އެކި ބަދަލުތަކާއި، ދަރިވަރުންނަށް މަތީ ސާނަވީގައި ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނާދެވި ސިޔާސަތުތަކަށް ގެނައި ބަދަލާއިއެކު މިހާރު %48 ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ހަމައެކަނި ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫންކަމަށާއި މިއީ މުޅި ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށެވެ. އަދި ވޮކޭޝަނަލް ހައިސްކޫލަކީ މިދިޔަ އަހަރު އުފައްދާފައިވާ ތަނެއްކަމަށާއި، މިހާރުވެސް އެތަނުގައި ދަރިވަރުން ކިޔަވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް. އަދި މިއާއިއެކުގައި އިންޑަސްޓްރީއާއި ގުޅިގެން މިހާރު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ތެރޭގައި ސްކިލް ޑިވެލޮޕްމަންޓްބައި އޮތުމާއި އެކުގައިވެސް ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ ފުޅާކުރުމުގެ މަސައްކަތް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްކޫލް މަރުހަލާގައި ކިޔެވުމަށް އެންމެ ކުއްޖަކު އިތުރުކުރެވުނަސް އެއީ ގައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށާއި، ޒުވާނުން ބާރުވެރި ކުރުވުމަށާއި، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.



