މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ގުޅުން ބަދަހިކޮށް، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މައި އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ބީއެމްއެލްގެ ފަރާތުން އެމްޓީސީސީއަށް ފޯރުކޮށްދެވޭނެ ތަފާތު މާލީ އެހީތެރިކަމާއި ފައިނޭންސް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެ އިތުރުން، އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ފޯރުކޮށްދެވޭނެ ހައުސިންގ ސްކީމްތަކާއި އެހެނިހެން ފައިނޭންސިންގ ސްކީމްތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެމްޓީސީސީއިން ބުނެފައިވަނީ، އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ. އެހެންކަމުން، ކުންފުނީގެ ޚިދުމަތްތެރި މުވައްޒަފުންނަށް ތަފާތު އިނާޔަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއިއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމެވެ. އަދި ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި، ވިޔަފާރީގެ ބައިވެރިންގެ އިތުރުން އާންމު ރައްޔިތުން ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމަކީ އެ ކުންފުނީގެ މުހިންމު މަގްސަދެއް ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.


