ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ އަލްޤަޙްތާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ. އެގޮތުން، ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވެއެވެ.



