ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ކަނޑުއޮތްގިރީގައި މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ކާރުޚާނާ އިފުތިތާޙުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ވުޒާރާއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވި ގޮތުގައި، މި ދެ ކާރުޚާނާއަކީ ރާއްޖޭގެ ބާޒާރަށް ޚާއްޞަކޮށްގެން މިފްކޯއިން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މާލެއާ ކައިރި ސަރަޙައްދެއްގައި މިފަދަ ޚިދުމަތެއް ފެށުމުން، މާލޭގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.“ އަނަސް ވިދާޅުވިއެވެ.
މިފްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލަށް ހުޅުވި ހިކިމަސް ކާރުޚާނާއިން ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭނެއެވެ. އަދި އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ޤާބިލުކަން ހުރި ތަނެކެވެ. މި ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް އުފައްދަން ފަށާނެއެވެ.
މި ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާނީ އެންމެ މަތީ ސިއްޙީ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް މިފްކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.




