ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި 1 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީއެއް ދިނުމަށް ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެހީގެ ދަށުން ޖަޕާން ސަރުކާރުން ދިނުމަށް ނިންމާފައިވަނީ 152 މިލިޔަން ޖަޕާނީސް ޔެން ނުވަތަ 1,020,134 (އެއް މިލިޔަން ވިހިހާސް ސަތޭކަ ތިރީސް ހަތަރު) އެމެރިކާ ޑޮލަރެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ފަރާތްތައް ތަމްރީނުކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ތަޢުލީމު ޙާޞިލްކޮށް ދަސްވެނިވެފައިވާއިރު، މިވަގުތުވެސް ޖަޕާނުގެ އެކި ޔުނިވަރސިޓީތަކުގައި ރާއްޖޭގެ 9 ދަރިވަރަކު އަންނަނީ މަތީ ތަޢުލީމު ޙާޞިލްކުރަމުންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިތުރުން، ތައުލީމާއި މަތީ ތައުލީމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޖަޕާން އެމްބަސީ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.




