އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ވަރުގަދަ މިސައިލް ޙަމަލާތަކެއްގައި އީރާނުގެ އަސްކަރިއްޔާގެ ހަތް ސިފައިންނާއި ޢާއްމުންގެ 30 މީހުން ހިމެނޭހެން ޖުމްލަ 37 މީހުން ޝަހީދުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ، އައިއާރުއައިބީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ދެކުނުއިރުމަތީގައި އޮންނަ ސިސްތާން ޕްރޮވިންސުގެ އަސްކަރީ މަރުކަޒުތަކަކަށާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކެއްގެ އިތުރުން ސިފައިންގެ އެކޮމޮޑޭޝަން މަރުކަޒަކަށް އަމާޒުކޮށް 13 މިސައިލް ޙަމަލާ ފޮނުވާލާފައެވެ. މި ޙަމަލާތަކުގައި އީރާނުގެ 388ވަނަ ބްރިގޭޑުގެ ހަތް މެންބަރުން ޝަހީދުވެފައިވާއިރު، އިތުރު ސިފައިންތަކަކަށް ޒަޚަމްވެގެން ހަސްފަތާލުގައި ދަނީ ފަރުވާ ދެމުންނެވެ.
އީރާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ޢާއްމުންގެ 30އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބޫޝެހްރުގެ ތިން ސަރަޙައްދަކަށް ވެސް އެމެރިކާއިން ޙަމަލާދީފައިވާ ކަމަށާއި، ނަމަވެސް އެ ސަރަޙައްދުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ މި ޙަމަލާތަކަކީ ޢުދުވާނީ ޙަމަލާތަކެއްގެ ގޮތުގައި ސިފަކޮށް، މީގެ ފުރިހަމަ ރައްދު ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނި ގޮތުގައި، ހަތް ގަޑިއިރަށް ދެމިގެންދިޔަ މި ޙަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ޙަމަލާދޭ ކަމަށް ބުނެ، އެ ޤާބިލުކަން ނައްތައިލުމަށް ދިން ޙަމަލާތަކެކެވެ. ރައްދުގައި އީރާނުން ބުނީ އެމެރިކާގެ ޙަމަލާތައް ހުއްޓައިލަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށާއި، ބަޙްރައިން، ކުވަޔިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދޭ ޙަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި މަސްރަޙާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ޞުލްޙައިގެ މަޝްވަރާތައް ނުފަށައިފިނަމަ، އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ހަމައެއާއެކު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ކުރިން ނިންމެވި ނިންމެވުން ބަދަލުކުރައްވައި، ގަލްފުގެ ޤައުމުތަކާއެކު އިންވެސްޓްމަންޓް އެއްބަސްވުންތަކެއް އެކުލަވައިލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.



