މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ބަޖެޓު ދަރަނިވެފައިވީ ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ދައުލަތަށް ލިބުނު އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުގައި، ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާވަނީ ރެކޯޑުކުރެވިފައެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 22.4 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ވަނީ 23.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއާއެކު ޖުމްލަ ބަޖެޓް 975.9 މިލިޔަން ރުފިޔާއިން ވަނީ ދަރަނިވެފައެވެ.
ބަޖެޓު ދަރަނިވުމުގައި މާލީ ވުޒާރާއިން މައިގަނޑު ދެ ސަބަބެއް ފާހަގަކުރެއެވެ. ފުރަތަމަ ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ތަކެތީގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް ކުރި ހަރަދު 92 އިންސައްތަ އިތުރުވުމެވެ. މިދިޔަ އަހަރު 1.4 ބިލިޔަން ރުފިޔާ ސަބްސިޑީއަށް ހޭދަކުރިއިރު، މިއަހަރު އެ އަދަދު ވަނީ 2.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ދެވަނަ ސަބަބަކީ ޕޭ ހަމަނައިޒޭޝަންގެ ދަށުން މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމާ ގުޅިގެން، މުސާރައަށް ކުރި ހަރަދު 7.2 ބިލިޔަނުން 7.8 ބިލިޔަން ރުފިޔާއަށް އިތުރުވުމެވެ.
ހަރަދުތައް އިތުރުވި ނަމަވެސް، ޓެކްސް އާމްދަނީން ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 17.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެ އިތުރަށް، ފުރަތަމަ ހަ މަސް ދުވަހު 434.2 މިލިޔަން ޑޮލަރު ވަނީ ހޯދާފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ޖުމްލަ ބަޖެޓު ދަރަނި ބޮޑުވި ނަމަވެސް، ދައުލަތަށް ލިބޭ އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި ރެކޯޑު ކުރެވުނު އަދަދަކީ ދަރަނި އަދާކުރުމުގެ ކުރިން ދައުލަތުގެ މާލީ ހާލަތު ދުޅަހެޔޮކަން އަންގައިދޭ މިންގަނޑެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.




