އިންގްލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ކެފެއިން ގިނަ އެނާޖީ ޑްރިންކް ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.
އިންގްލޭންޑްގެ ސަރުކާރުން ނެރުނު އިއުލާނެއްގައި ބުނީ، އަންނަ އޮގަސްޓް މަހުން ފެށިގެން އެގައުމުގެ 16 އަހަރުން ދަށުގެ ކުދިންނަށް ކެފެއިން ގިނަ އެނާޖީ ޑްރިންކް ބޭނުންކުރުން އަދި ވިއްކުންވެސް މަނާކުރަން ނިންމާފައިވާ ކަމަށެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި، މި މަނާކުރުން ހިނގާނީ ލިޓަރަކަށް 150 މިލިގްރާމަށްވުރެ ގިނައިން ކެފެއިން އެކުލެވޭ ބުއިންތަކަށެވެ. މި ގަވައިދަށް ފިހާރަތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ވެންޑިން މެޝިންތަކާއި އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކުން ވެސް އަމަލުކުރަން ޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ރެޑްބުލް، މޮންސްޓާ، ރެލެންޓްލެސް އަދި ޕްރައިމް ފަދަ މަޝްހޫރު އެނާޖީ ޑްރިންކްތައް 16 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން މަނާވާނެއެވެ. ނަމަވެސް، ކެފެއިންގެ މިންވަރު މަދު ބުއިންތައް ކަމަށްވާ ޑައިޓް ކޯކު ފަދަ ތަކެއްޗަށް މި އުސޫލު ނުހިނގާނެ ކަމަށް ސަރުކާރުން ވަނީ ސާފުކޮށްދީފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންގްލޭންޑުގައި ދުވާލަކު ގާތްގަނޑަކަށް 100,000 ކުދިން ކެފެއިން ގިނަ އެނަޖީ ޑްރިންކްސް ބޭނުންކުރެއެވެ.
ސަރުކާރުން ބުނީ މިފަދަ ބުއިންތަކުގެ ސަބަބުން ކުދިންގެ ނިދުމަށް ބުރޫއަރައި، ކަންކަމަށް ސަމާލުކަންދޭ މިންވަރު ދަށްވެ، އޭގެ ނޭދެވޭ އަސަރު ސްކޫލް ނަތީޖާއަށް ކުރާ ކަމަށެވެ.



