ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި ޚާއްޞަ ސަރވޭއެއް ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ، މި ސަރވޭ ކުރިއަށްގެންދަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ.
މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 31 ގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ. މި ސަރވޭގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ދިވެހިންނަށެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މި ސަރވޭގައި ދަތުރުވެރިންގެ ފަރާތުން މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ ދަތުރުގެ މަޤުސަދާއި، ދަތުރުކުރި ޤައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި މުޅި ދަތުރަށް ޖުމްލަ ހިނގި ޚަރަދުގެ މައުލޫމާތެވެ.
މި ސަރވޭއާ ގުޅޭގޮތުން އެމްއެމްއޭއިން އިތުރަށް ބުނީ، މި މައުލޫމާތު ނެގި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސަރވޭގައި އެއް ނުކުރާނެ ކަމަށެވެ. އަދި ސަރވޭގައި ނަގާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެ އޮތޯރިޓީން ވަނީ އަރުވާފައެވެ.
ސަރވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި މައުލޫމާތު އެއްކުރުމަށް ހަރަކާތްތެރިވާނެއެވެ. އެހެންކަމުން، މި މުއްދަތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ފަރާތުން މި ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.



