ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.



