އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ސެންޓަރެއް ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފިއެވެ.
މި ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ އޮގަސްޓު މަހުގެ 10 އިން 12 އަށް މާލޭގެ މާގިރި ހޮޓަލުގައެވެ.
މިއީ، އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނާއި، އެކި ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީއާއި ވީއެފްއެސް ގްލޯބަލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން، އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރުމަށް ވީއެފްއެސްއިން އިލްތިމާސްކުރެއެވެ. އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ތާރީޚުތަކުގައި މާގިރި ހޮޓަލަށް ގޮސް ބަޔޮމެޓްރިކްސް ދިނުމާއި ލިޔެކިޔުންތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހި ދަރިވަރުންނަށާއި، އެހެނިހެން ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ”ޓެމްޕަރަރީ ވިސާ ކްލިނިކް“ގެ އިންތިޒާމްތައް ހައްމަޖައްސައެވެ.
މި ކްލިނިކް މެދުވެރިކޮށް، ވިސާއަށް ބޭނުންވާ ބަޔޮމެޓްރިކްސް ދިނުމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ރާއްޖޭން ބޭރަށް ދާންނުޖެހި، ސީދާ މާލޭގައި ތިބެގެން ފަސޭހަކަމާއެކު ހުށަހެޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.



