ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ މި ފައިސާއަށެވެ.
ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ 16.0 އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްގީއަށް ކުރެވޭ ހޭދައެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ހޭދަ ވެސް ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ރިޕޯޓުގައިވާގޮތުން ދައުލަތުގެ ޖުމްލަ ހަރަދު މިހާރު ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް އެކްސްޕެންޑިޗާ 20.8 އިންސައްތަ އިތުރުވެ 21.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ސަބްސިޑީއަށް ކުރާ ހަރަދުތަކާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ހަރަދު އިތުރުވުމެވެ. އަދި ކެޕިޓަލް ހަރަދުތައް ވެސް ވަނީ 22.1 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ބަޖެޓް ޑެފިސިޓަށް ބަލާއިރު، މި މުއްދަތުގައި ޑެފިސިޓް ހުރީ 1.5 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއް އޮތް އޮތުމާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި އެންމެ މުހިންމު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޖީ.އެސް.ޓީ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޖުމްލަ ގޮތެއްގައި ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ ވަނީ 11.3 އިންސައްތަ އިތުރުވެ، 17.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވަނީ 130.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 438.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 2.9 އިންސައްތަ ދަށްވެފައެވެ.




