ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ފަށައިފިއެވެ.
މި މަހުގެ 21 ވަނަ ދުވަހު ފެށި މި ކޯހަކީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނުތައް ފޯރުކޮށްދިނުމަށް ހިންގާ ކޯހެކެވެ.
މި ކޯހުގެ މައިގަނޑު މަޤުސަދަކީ ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތު ދީ، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ފުލުހުން ތައްޔާރު ކުރުމެވެ.
ފުލުހުން ބުނިގޮތުގައި، މި ކޯހުގެ މުއްދަތުގައި ދަރިވަރުންނަށް އިންޑޯރ އަދި އައުޓްޑޯރ މާއްދާތައް ހިމެނޭހެން ޖުމްލަ 06 މޮޑިއުލްއެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މޮޑިއުލްތަކުގެ ތެރޭގައި ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، މުހިންމު ހުނަރުތަކާއި، ޢިލްމު އަދި މުއާމަލާތު ކުރުމުގެ ހުނަރުތައް ހިމެނެއެވެ.
މީގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާޢީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތައްވެސް މި ކޯހުގައި އުނގަންނައިދެވޭނެއެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާއި، މަސައްކަތުގެ އަޚުލާޤާއި، ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ޖުމްލަ ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި 22 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެން ފުލުހުންނާއި 06 އަންހެން ފުލުހުންނެވެ.



