އޮންލައިންކޮށް ވިއްކާ ރައްކާތެރިނޫން އަދި ފޭކު މުދާ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، ޗައިނާގެ މަގުބޫލު އޮންލައިން މާކެޓްޕްލޭސް ”އަލިއެކްސްޕްރެސް“ 550 މިލިއަން ޔޫރޯ އިން ޖޫރިމަނާކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަންގެ ”ޑިޖިޓަލް ސާވިސަސް އެކްޓް“ގެ ދަށުން މިހާތަނަށް ކުންފުންޏަކާ މެދު އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.
ޔޫރަޕިއަން ޔޫނިއަންގެ ”ޑިޖިޓަލް ސާވިސަސް އެކްޓް“އަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގާނޫނާ ހިލާފު ނުވަތަ ގެއްލުންހުރި މައުލޫމާތާއި ތަކެތި ފެތުރުން ހުއްޓުވުމަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވާ ގާނޫނެކެވެ.
ޔޫރަޕިއަން ކޮމިޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ހެނާ ވިރްކުނެން ވިދާޅުވީ، ފޭކު އަންނައުނާއި، ރައްކާތެރިނޫން ކުޅޭއެއްޗެއްސާއި، ނުރައްކާތެރި ކޮސްމެޓިކްސް ފަދަ ތަކެތި އޮންލައިންކޮށް ފެތުރުން ހުއްޓުވުމަކީ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.
”ކުންފުނި ބޮޑުވުމަކީ އުޒުރެއް ނޫން. ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ވިޔަފާރިކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރަންޖެހޭނެ،“ ވިރްކުނެން ވިދާޅުވިއެވެ.
މި ޖޫރިމަނާއާ ގުޅިގެން އަލިއެކްސްޕްރެސްއިން ވަނީ އެކުންފުނީގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ އެކުންފުނިން ރައްކާތެރިކަމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާ ނުބައްދަލު ބޮޑު އަދަދެކެވެ. އަދި މި ނިންމުން އިތުރަށް ދިރާސާކޮށް، ގާނޫނީގޮތުން ކުރިއަށްދާނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ގާނޫނާ ހިލާފު މުދާ ވިއްކުން ހުއްޓުވުމަށް އަލިއެކްސްޕްރެސްއިން އަޅާނެ އިސްލާހީ ފިޔަވަޅުތަކުގެ ޕްލޭނެއް ހުށަހެޅުމަށް އޮކްޓޯބަރު 20 ގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ. މި ޖޫރިމަނާއަކީ މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް އެކުންފުނީގެ އޮޕަރޭޝަންތައް ހުރި ގޮތަށް ބަލައި ކޮށްފައިވާ ޖޫރިމަނާއެކެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ޔޫރަޕިއަން ކޮމިޝަނުން ވަނީ ބޮޑެތި ކުންފުނިތައް ޖޫރިމަނާކޮށްފައެވެ. އެގޮތުން އޮންލައިން ވިޔަފާރި ކުރާ ”ޓެމޫ“ 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައިވާއިރު، އިލޮން މާސްކްގެ އެކްސް ޕްލެޓްފޯމް ވެސް ވަނީ 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.



