އިސްލާމީ މުޖުތަމައެއްގެ ހުރިހާ ކަމެއް ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރުމާއި، ޒިންމާދާރުވުމާއި، އަދުލުއިންސާފުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޖުތަމައެއްގެ ތަރައްގީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ އަދުލުއިންސާފުގެ މައްޗަށެވެ.
އަދުލުއިންސާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށެވެ. މިސާލެއްގެ ގޮތުން، ގުރައިޝު ވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަން ކުރުމުން އޭނާގެ މައްޗަށް ހައްދު ގާއިމުނުކުރުމަށް އެދުނު ހިނދު، ރަސޫލާ ﷺ ދެއްވި ޖަވާބު ހުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ހަދީޘްކުރެއްވީ، ”މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިކަމުގައި ވިޔަސް ތިމަންކަލޭގެފާނު އެ ކަމަނާގެ އަތްޕުޅު ވެސް ކަނޑުއްވާހުށީމެވެ.“
ކޮންމެ މީހަކު އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އެކަމުގައި ތެދުވެރިވެ އިޚުލާޞްތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ ކަންކަމާ ހަވާލުވެތިބޭ މީހުން ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ވެސް ބަޔާންކުރިއެވެ. މީގެ އިތުރުން، ފުރިހަމަ މުސްލިމަކީ އަމިއްލަ ފައިދާއަށްވުރެ މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭ މީހާ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ގައުމުގެ ވަހުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށާއި، މިއީ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ހުތުބާގައި ބުންޏެވެ. ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެ، އަމާނާތްތަކަށް ހިޔާނާތްތެރިނުވުމަށް ކީރިތި ގުރުއާނުގެ އާޔަތްތަކުން ހުތުބާގައި ނަސޭހަތްތެރިވިއެވެ.
ނިންމާލަމުން ހުތުބާގައި ހަނދާންކޮށްދިނީ، ކޮންމެ މީހަކުވެސް އެމީހަކު ދުނިޔޭގައި ކުރި އަމަލުތަކާ މެދު މާތް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމެވެ.
ވަކިން ހާއްސަކޮށް، އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބި މީހުންނާ އެކަންކަމާ މެދު ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި، މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.




