މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އެ ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅައިގެން ތަރައްޤީ ކޮށްފައެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، މަގު ހުޅުވާލި ނަމަވެސް ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. ބައެއް ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތްތަކުގެ ތެރެއިން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ މަގުގެ އެއްގަމު ތޮށި ކައިރީގައި އިންދާފައިވާ ދިވެހި ރުށްތަކެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށި މި މަސައްކަތަކީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަގު ތަރައްޤީކޮށް ނިމުނުއިރު، އަލަށް ހުޅުވާލި ސަރަހައްދުގައި ޕާކްކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ތަރައްޤީކޮށްފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.އެގޮތުން މިހާރު ވަނީ ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.



