މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކުރީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގެ ބޮޑު ބައެއް މިހާރު އާންމުކޮށް ހުޅުވާލާފައިވާތީއެވެ.
ފުލުހުން ކުރި އިޢުލާނެއްގައި ބުނިގޮތުގައި، ބޮޑުތަކުރުފާނުމަގުގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަޙައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އަދި އެ ސަރަޙައްދުގެ މަސައްކަތް ނިމުމާއެކު، މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު މިހާރު އެއްކޮށް ހުޅުވާލާފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އުޅަނދުތައް ޕާކްކުރަންވާނީ ހަމައެކަނި އެކަމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި ކަމަށާއި، އެ ނޫން ތަންތަނުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބީއެމްއެލް ހެޑްއޮފީސް ކުރިމަތީގައި ވަނީ 500 ސައިކަލު ޕާކު ކުރެވޭނެ ފަދަ ބޮޑު ޕާކިން ޒޯނެއް ތަރައްޤީކޮށްފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށް ނިންމާފައެވެ.




