މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެން އެންމެ އަވަހަށް މަސައްކަތް ކުރިއަށްދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދުގައި ކަމަށެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި އެ ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލުމެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދުގެ މަސައްކަތް ނިންމާފައެވެ. އެ ސަރަޙައްދު ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހުގައެވެ.
މި މަޝްރޫޢުގެ ދަށުން 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ޒަމާނީ ދުވާރާއި ފެންހިންދާ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.



