ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ފުލުހުން މިއަދު ޓޯކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ސައިކަލުތަކެއްގައި ގަވާއިދާ ޚިލާފަށް ބަޔަކު ދުއްވާ މަންޒަރުތައް ފެނެއެވެ.
އެގޮތުން، ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ސައިކަލުގައި އޮށޯވެ އޮވެގެން ދުއްވާ މަންޒަރުތައް އެ ވީޑިއޯތަކުން ފެނެއެވެ. މި މައްސަލައާ ގުޅިގެން ގަވާއިދާ ޚިލާފަށް ދުއްވި 3 ސައިކަލެއް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ވީޑިއޯތަކުން ފެންނަ މަންޒަރުތަކަށް ބަލައި ގަވާއިދާ ޚިލާފަށް ދުއްވި ތިން ސައިކަލެއް ވަނީ ދެނެގަނެވިފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ސައިކަލުތައް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ސިނަމާލެ ބްރިޖަކީ ވަކި ހާއްސަ ގަވާއިދުތަކެއް ކަނޑައެޅިފައިވާ ސަރަހައްދެކެވެ. އެގޮތުން ބްރިޖުގައި ދުއްވޭނެ އެންމެ ބާރު މިނަކީ ގަޑިއަކު 50 މޭލު ކަމަށްވާއިރު، ސައިކަލު ދުއްވާ މީހާ އާއި ފަހަތުގައި އިންނަ މީހާވެސް ހެލްމެޓު އެޅުމަކީ މަޖުބޫރު ކަމެކެވެ.



