ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭގެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް، އެމްޓީސީސީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން 29,490 އަކަފޫޓުގެ ބޮޑު ސަރަޙައްދެއްގައި 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، މި އިމާރާތުގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮފީސްތައް ޤާއިމުކުރެވޭނެއެވެ.
ޖުމްލަ 699.86 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ނިމުމުން، އެއް ފުރާޅެއްގެ ދަށުން ގިނަ ކޯޓުތަކެއްގެ ޚިދުމަތް ލިބިގެންދިއުމަކީ ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ސަރުކާރުން ދެކެއެވެ.
ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ހެދުމަށް ހަވާލުކުރި އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ، ތަޖުރިބާކާރު ކުންފުންޏެކެވެ.




