ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ.
މެޓުން ބުނީ، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައި ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގާތްގަޑަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ވައި ޖެހޭނީ 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ލަފާކުރެއެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މެޓުން ބުނިގޮތުގައި ރާޅުގެ އުސްމިން ހުންނާނީ 1 ފުޓާއި 3 ފޫޓާ ދެމެދުގައެވެ. އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެ، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށްފައެވެ.




