މާލޭގެ އެކި ސަރަހައްދުތަކަށް މިއަދު އުދަ އަރައި، ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުދަ އަރައި، ފެން ބޮޑުވާތީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ރާޅު އަރާފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ. އެ ސަރަހައްދަށް އެރި ރާޅުތަކާއެކު، މަގުމަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލްތައް ވެއްޓި، ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، މާލޭގެ ރާޅުގަނޑު ސަރަހައްދަށް ވެސް ގަލާއި ވެއްޔާއެކު ލޮނުގަނޑު އަރާފައިވާއިރު، އަލަށް ތާރު އަޅައިގެން ހެދި ބޮޑުތަކުރުފާނު މަގުގެ ބައެއް ދިމަދިމާލަށް ވެސް ވަނީ ރާޅު އަރާފައެވެ. މީގެ ސަބަބުން މަގުމަތީގައި ގަލާއި ވެލި ފެތުރި، ދަތުރުފަތުރު ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އުދަ އެރި ވަގުތަކީ މާލެ ސަރަހައްދަށް އާދަޔާ ހިލާފަށް މޫސުން ގޯސް ވަގުތެއް ނޫން ނަމަވެސް، އުދަ އަރާފައިވަނީ ދިޔަވަރު އެންމެ ބޮޑުވި ވަގުތުގައެވެ.
މިއަދު އުދަ އަރާފައި ވަނީ މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު ވަގުތު އެވެ. މިއަދު އެންމެ ދިޔަވަރު ބޮޑުވީ 11:53 ގައެވެ. އެއީ 0.74 މީޓަރަށެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނަ ވަގުތު ކަމަށްވާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ހުންނާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކަ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ދުވަސްވަރު ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާ ދެމެދު ހުންނާނެއެވެ. މިއަދު ވައި ޖެހިފައިވަނީ ހުޅަނގު ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.
ނަމަވެސް ވިލާގަނޑުގައި ވައިގެ ބާރުމިން 35 މޭލަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.




