ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފުވައްމުލަކަށް 46.5 މިލީމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ފުވައްމުލަކަށް ފަހު ދެން އެންމެ ގިނައިން ވާރޭ ރެކޯޑުކުރެވުނީ ސ. ހުޅުމީދުއަށެވެ. އެއީ 16.6 މިލީމީޓަރެވެ. މީގެ އިތުރުން ބ. ގޮއިދުއަށް 12.9 މިލީމީޓަރު، އއ. ތޮއްޑުއަށް 11.1 މިލީމީޓަރު އަދި ރ. އިފުރަށް 11.0 މިލީމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. މާލެ ސަރަހައްދަށް ބަލާއިރު، މާލެއަށް 3.0 މިލީމީޓަރު އަދި ހުޅުމާލެއަށް 5.1 މިލީމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ވިއްސާރައިގެ އިތުރުން، އިއްޔެ މާލެ ސަރަހައްދުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވާކަންވެސް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުންނެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވާރޭވެހޭ ވަގުތުތަކުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
ކަނޑުތައް އާންމުކޮށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މި ދުވަސްވަރަކީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ ފުރުސަތު އޮތް ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.




