ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙުމާން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި އެ މިނިސްޓްރީގެ ބައެއް އިސް ވެރިންނެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޑރ. ޚަލީލުއްރަޙުމާން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޑރ. ޚަލީލުއްރަޙުމާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، އަދި މުޢާސަލާތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 20,000 ގަސް ވެސް ވަނީ ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ.



