ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނި ގޮތުގައި މާދަމާ އާއި އޭގެ އަނެއް ދުވަހު އުދައިގެ އަސަރު ބޮޑަށް ކުރާނީ އާންމުކޮށް އުދަ އަރާ ރަށްތަކަށެވެ.
މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ވައިގެ ބާރުމިން 30 މޭލަށް ގަދަވާނެ ކަމަށް ބެލެވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ. ހާއްސަކޮށް ފުލްމޫން ނުވަތަ ހަނދު ބޮޑުވާ ދުވަސްވަރާ ދިމާކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މާދަމާ ނޫން އަނެއް ދުވަހަކީ ހަނދު އެންމެ ބޮޑުކޮށް ހުންނާނެ ދުވަސް ކަމަށްވާތީ، އެ ދުވަހު ރާޅު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން މާލެއަށްވެސް މާދަމާ އާއި އޭގެ އަނެއް ދުވަހު އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ލަފާކޮށްފައެވެ.
ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، އުތުރުގެ އަތޮޅުތަކުގައި މިއަދު 2.4 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.6 ފޫޓަށް އުފުލޭނެއެވެ. މެދުރާއްޖެތެރޭގައި މިއަދު 2.3 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.5 ފޫޓަށް އުފުލޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކުގައި މިއަދު 2.6 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.8 ފޫޓަށް ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.



