ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 1،405 އަށް އަރައިފިއެވެ.
އެގައުމުގެ ސަރުކާރުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް މި ބައްޔަށް 3،200 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.
މިދިޔަ މޭއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންގޯއިން ދަނީ މަދުން ނޫނީ ނުފެންނަ ”ބުންޑިބުގިއޯ” ވައިރަސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ސިއްހީ އޮފިޝަލުން ހާމަކުރި ގޮތުގައި، މިހާތަނަށް 766 މީހަކަށް އެކަހެރިކޮށްގެން ފަރުވާ ދެމުންދާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 540 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަކީ ކޮންގޯގެ އިޓޫރީ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ސިއްހީ މާހިރުންނަށް ބަލި ފެތުރޭ މިންވަރު ދެނެގަނެވޭ ވަރަށް ވުރެ މާ ބާރުމިނުގައި މިހާރު ވަނީ ބަލި ފެތުރިފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބަލި އެންމެ ފުރަތަމަ ފެތުރެން މެދުވެރިވި ”ޕޭޝަންޓް ޒީރޯ“އަދިވެސް ދެނެގަނެވިފައި ނުވާއިރު، އެގައުމުގައި ހިނގަމުންދާ ހަތިޔާރު އެޅި ހަމަނުޖެހުންތަކާއި، ގަވާއިދާ ހިލާފަށް މައިން ކުރުމުގެ ސަބަބުން މީހުން އެކި ސަރަހައްދުތަކަށް ހިޖުރަކުރަން ޖެހުމަކީ ބަލިޖެހިފައިވާ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.
މީގެ އިތުރުން، ފައިސާގެ ދަތިކަމާއި، ސިއްހީ މަރުކަޒުތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން ވެސް މަސައްކަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އަދި ބައްޔާ ދެކޮޅަށް ސިއްހީ މާހިރުން ކުރާ މަސައްކަތްތަކަށް އާންމުންގެ މެދުގައި އޮތް އިތުބާރު ކުޑަވުމަކީ ވެސް ބަލި ފެތުރުން ހުއްޓުވުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި އޮފިޝަލުން ފާހަގަކުރެއެވެ.




