ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަލުން އިންތިޒާމުކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތު އެކުލަވައިލުމުގެ މަސައްކަތް ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ފަށައިފިއެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އާއި އާއި ޔޫއެންޑީޕީ ގުޅިގެން ”ގާނޫނުލްއުގޫބާތަށް ވިހި އަހަރު: އުންމީދުތަކާއި، ކުރިއެރުންތަކާއި ގޮންޖެހުންތައް“ މި ނަމުގައި ސެމިނާ ފަށާފައިވަނީ މިއަދު ހެނދުނެވެ.
ސެމިނާ ފެށުމުގެ ގޮތުން މި މަސައްކަތް އިސްލާހީ ފިޔަވަޅެއްގެ ގޮތުން ފެއްޓެވި ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވާހަކަ ދެއްކެވި އެވެ. އޭނާ ވަނީ އެ މަސައްކަތް ފަށަން ޖެހުނު ސަބަބާއި އޭރުގެ ހާލަތު ތަފުސީލުކޮށް ކިޔައިދެއްވައިފަ އެވެ. އަދި އޭނާގެ ބައެއް ތަޖުރިބާތަކެއް ވެސް ހިއްސާކުރެއްވި އެވެ.
ހަސަން ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އޭރު އޮތް ހާލަތާއި މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެއާ އެކު، ގޮންޖެހުންތައް ވެސް އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ މީހުން ތަމްރީނުކުރުމެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގާބިލު މީހުން ތަމްރީނު ކުރެވޭ މިންވަރު ދަށްވުން ކަމަށާއި ގާބިލު މީހުން މަގާމުތަކުގައި ތިބޭ ނަމަ، މަގާމުގެ ބިރަށް ނުރަނގަޅު ކަންކަން ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލްގައި ސެމިނާގައި، ގާނޫނުލްއުގޫބާތް އެކުލަވާލަން ކުރި މަސައްކަތްތަކާއި، އެ ގާނޫނު ފާސްކުރުމަށްފަހު ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި ތަރައްގީއަށް ފުންކޮށް ވާހަކަ ދައްކަން ވަނީ ހަމަޖެހިފައެވެ.




