ރައްޔިތުންގެ މަޖިލީހަކީ ”ބަކަރިކޮށްޓެއް ނުވަތަ ޖަނަވާރު ކޮށްޓެއް“ ކަމަށް ބައެއް އާންމުން މިހާރު ވެސް ސިފަކުރާ ކަމަށާއި ރިޔާސަތުގައި އިންނަވަނިކޮށް، މަޖިލިސް އެފަދަ ތަނަކަށް ވިޔަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ޕީއެންސީގެ ބައެއް މެންބަރުންނާ ދެމެދު ހިނގި ޒުވާބަކަށް ފަހު ފިއްޓޭ މަޖިލީހުގެ ތަޅުމުން ނެރުމަށް ފަހުގައެވެ.
މަޖިލިހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަން ސަލީމް ތަކުރާރުކޮށް ފިއްޓޭއަށް އެންގެވުމުން ވެސް އަޑު މަޑުނުކުރެއްވުމުން އޭނާގެ ނަން އިއްވައި، މަޖިލިހުގެ ތަޅުމުން ބޭރުކުރެއްވީ އެވެ. އޭގެ ފަހުން ސަލީމް ވިދާޅުވީ، މަޖިލީހަކީ ކެތްތެރިކަމާ އެކު، މަސައްކަތް ކުރަން ޖެހޭ ތަނެއް ކަމަށާއި މެންބަރުންނަކީ ތަސައްރަފު ފުދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހަކީ ވަަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކީ ތަންކޮޅެއް ކެތްތެރިކަމާ އެކީ މަސައްކަތްކުރަން ޖެހޭ މަޖިލީހެއް. އަޅުގަނޑުމެންނަށް [ނިސްބަތްކޮށް] މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރިކޮށްޓެކޭ ވެސް ކިޔާ މީހުން އެބަ،“ ސަލީމް ވިދާޅުވިއެވެ.




