ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުން ރޭގައި ގެނެސްދިން އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޔަގީންކަމަކާއެކު ކަމަށާއި ކޮރަޕްޝަން ނައްތާލުމަކީ އެންމެންގެ އެއްބާރުލުމަކާ އެކީގައި ކާމިޔާބީއާ ހަމައަށް ދެވޭނެ ކަމެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކޯޓުތަކުގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތައް ވެސް އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރާނަމަ ހަމަޔަގީނުން ވެސް ކޮރަޕްޝަން ނައްތާލުމުގައި ކާމިޔާބީތައް ފެންނާނެކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
”… އަޅުގަނޑު މިދެންނެނީ މިސާލަކަށް އެސެޓް ރިކަވަރީ ބިލެއް އަޅުގަނޑުމެން ހުށަހަޅާނަމޭ، އެ ބިލު ޤާނޫނަކަށް ވެގެން އަންނައިރުގައި އެ ޤާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި އެބަޖެހޭ އެހެން ޤާނޫނުތަކަކަށް އިސްލާހުގެންނަން، ޚާއްސަކޮށް ޖިނާއީ އިޖުރާއަތްތަކުގެ ޤާނޫނަށް. އެހެންވީމަ މިހެން ހުރި ބައެއް ޤާނޫނީ ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މިއާއެކީގައި މުއްސަސާތައް ވަރުގަދަވެސް ވާންޖެހޭ ކަމަށެވެ. ޚާއްސަކޮށް އޭސީސީއާއި ޝަރުޢީ ދާއިރާތަކާއި މިހުރިހާ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދައުލަތުގެ މުދަލާއި ރައްޔިތުންގެ ފައިސާ ހޯދުމުގައި ރަނގަޅު ނަތީޖާ ނެރެވޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.



