މޫސުން ގޯސްވެ، ވައިގަދަ ވެފައި ވާތީ، ސިނަމާލެ ބްރިޖާއި ލިންކުރޯޑުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ދަތުރުކުރާއިރު ރައްކާތެރިވުމަށް ހަތަރު ކަމެއް ކުރުމަށް އެދިފައެވެ.
އެއީ:
– ބުރުގާ އަޅާ މީހުން، ވަޔާއެކު މޫނު މައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުން
– ފެންވަރު ރަނގަޅު ވިއްސާރަކޯޓެއް ބޭނުންކުރުން
– ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުން
– އުޅަނދުގެ ހެޑްލައިޓް އަދި ޓެއިލްލައިޓު ދިއްލާފައި ބެހެއްޓުން
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކާ ހަމައަށް އެލާޓު ނެރެފައިވެއެވެ.




