މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 1.3 ބިލިއަން ރުފިޔާގެ ސާފު ފައިދާގެ ލިބިފައިވާކަން، އެ ކުންފުނީގެ މާލީ ނަތީޖާއިން މިއަދު ހާމަވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތަކަށް އެކަނި ބަލާއިރު ވެސް ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވާއިރު، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާއަކީ 647 މިލިއަން ރުފިޔާއެވެ. މިއާ އެކު ފުރަތަމަ ހަ މަސްދުވަހުގެ ޖުމްލަ އާމްދަނީ ވަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެ ބޭންކަށް ލިބުނު އާމްދަނީގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އިންޓަރެސްޓުން ލިބިފައިވާއިރު، ކޮމިޝަނާއި ފީގެ ގޮތުގައި 830 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް 62.8 ބިލިއަން ރުފިޔާގައި ހުރިއިރު، ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާގެ އަދަދު ވަނީ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަމައެއާ އެކު، އަމިއްލަ ވިޔަފާރިތަކާއި އިޤުތިޞާދު ހަލުވިކުރުމަށްޓަކައި އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ އަދަދަކީ 30.5 ބިލިއަން ރުފިޔާއެވެ. ބޭންކުގެ ހަރަދާއި އާމްދަނީގެ ނިސްބަތް (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ.
ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް ބީއެމްއެލްއިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 478 މިލިއަން ޑޮލަރަށްވުރެ ގިނައިން ބާޒާރަށް ނެރެފައިވެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ކާޑުގެ މުއާމަލާތްތަކަށް ދޫކުރި 226 މިލިއަން ޑޮލަރާއި، ޓީޓީ ހެދުމަށް ވިއްކި 166 މިލިއަން ޑޮލަރު ހިމެނެއެވެ. ޑޮލަރު ދޫކުރި މިންވަރު 2025ވަނަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރުވެފައިވާއިރު، މިއީ 2021ވަނަ އަހަރާ އަޅައިބަލާއިރު ހަތަރު ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވި މިންވަރު ވެސް ވަނީ މިދިޔަ އަހަރަށްވުރެ 20 އިންސައްތަ އިތުރުވެފައެވެ.




