އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކުންފުނީގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސްގެ މެމްބަރުގެ މަރިޔަމް ނަޒްލީނާ އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެ މަގާމަށް ނަޒްލީނާ، ދަފްތަރު ނަންބަރު ރސ8557، އައްޔަންކުރީ މިއަދު އެވެ.
ނަޒްލީނާ ވަނީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓަޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ.
ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށް ވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒްލީނާ ވަނީ، ސެޕް އެފްއައި ބޭނުންކުރާ 200އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފައެވެ.
މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިން ޓީމުތައް އިސްވެ ބަލަހައްޓަވައި ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާކުރުމުގެ މަސައްކަތްތާއި އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗެލާ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.



