މިރެއާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވައިގަދަވުމާއިއެކު ބޯކޮށް ވާރޭވެހިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓުގެ ރެކޯޑްތަކުން ދައްކާގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށެވެ. އެއީ 84 މިލިމީޓަރުގެ ވާރޭއެވެ. އަދި އިއްޔެ މެންދަމު 12:00 އިން ރޭމެންދަމު 12:00 އާއި ހަމައަށް އާންމުވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 17 މޭލު ބާރުމިނަށް ކުޅުދުއްފުށި ސިޓީ، ނ. މާފަރު އަދި ހުޅުލެއަށެވެ.
ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 46 މޭލު ބާރުމިނަށް ލ. ކައްދޫއަށްކަމަށް މެޓް އޮފީހުގެ ރިކޯޑްތަކުން ދައްކައެވެ. މި ވިއްސާރައިގައި މިރެއާއި މާދަމާވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައިގަދަވުމުގެ ފުރުސަތު އޮތްކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މެޓުން ބުނި ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ 15 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެތީ، ހުރިހައި ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



