ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރިކީވީލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދެ ޤައުމުން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި މިކަމާ ގުޅޭ ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށާއި، ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް 01 އޮގަސްޓު 2026 އިން ފެށިގެން މި އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީވިލާތަށެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރެއްވި މި ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.
”މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް“ ގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ކުޑަކުރެވިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިވެ، 85 މިލިއަން މީހުންގެ ބޮޑު މާކެޓެއް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން ތުރުކީވިލާތުން އަސާސީ ކާބޯތަކެތި އެތެރެކުރުމުގައި ލުއިތަކެއް ލިބި، މުދާ އެތެރެކުރާ މާކެޓުތައް އިތުރުވެގެންދާނެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ތަކެތީގެ އަގު ހިފެހެއްޓުމަށާއި ރާއްޖޭގެ އެކްސްޕޯޓް ސިނާޢަތް ވަރުގަދަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.




