ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެންކަމުން، ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ 16 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.
މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއާއެކު ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ޖުމްލަ 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މި ހިނގާ ދިރާސީ އަހަރުގައި ސަރުކާރުގެ 218 އެއްހާ ސްކޫލުގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދެއެވެ. މީގެ ތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަނުމަށްޓަކައި 4,790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވާކަން ފާހަގަކުރެވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1,748 ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުން ގްރޭޑް 1 އަށް 3,042 ދަރިވަރަކަށް ޖާގަ ދީފައިވާކަމަށް ތަޢުލީމީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދަރިވަރުންގެ ބޮޑު ޗުއްޓީއަށްފަހު، އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 17 ގައެވެ.



