ސްރީ ލަންކާގެ ކޮލަމްބޯ ކައިރީގައި ހުންނަ ހައި-ސެކިއުރިޓީ މަހާރާ ޖަލުގައި އިއްޔެ ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި އެކަކު މަރުވެ ހަ މީހަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ޖަލަށް ވަދެ މުޅި ސަރަހައްދު ބަންދުކޮށްފައެވެ.
އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި މި ހަމަނުޖެހުން ހިނގީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގޭންގެއްގެ މެދުގައި އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. ގައިދީން ވަނީ ޖަލުގެ އެތެރޭގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ބައެއް ގައިދީން ޖަލުގެ ފުރާޅުމައްޗަށް އަރައި އިހުތިޖާޖުކޮށްފައިވާ އިރު، މަރުވި ގައިދީ މަރުވީ އަނިޔާވެގެން ރާގަމާ ޓީޗިންގް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ކޮމާންޑޯއިންނާއި އަސްކަރިއްޔާގެ ސިފައިން ވަނީ ޖަލު ވަށާލައިފައެވެ. ޖަލު ހުންނަ ރާގަމަ ސަރަހައްދުގައި މިހާރު ވަނީ ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. ގައިދީންގެ އާއިލާތަކުން ޖަލު ކައިރިއަށް އެއްވެ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދަނީ އެދެމުންނެވެ.
މި ހަމަނުޖެހުން ހިނގާފައި މި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ނިގަމްބޯ ޖަލުގައި ހިނގި މިފަދަ އެހެން ހަމަނުޖެހުމެއްގައި 26 މީހުން މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގައި 19 ގައިދީންނާއި ޖަލު އޮފިސަރުންގެ ހަތް މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ސްރީ ލަންކާގެ ޖަލުތަކަކީ ޖާގައަށް ވުރެ ހަތަރު ގުނަ އިތުރަށް މީހުން ބަންދުކޮށްފައިވާ ތަންތަނެވެ. 11,000 މީހުންގެ ޖާގައިގެ ޖަލުތަކުގައި މިހާރު ވެސް 40,000 އެއްހާ ގައިދީން އެބަތިއްބެވެ.



