މައިންނާއި ޅަދަރިންގެ ސިއްޙީ ރައްކާތެރިކަމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައިން ދަރިފުޅަށްޓަކައި ހޭދަކުރާ ވަގުތާއި ވާ ގުރުބާނީއަކީ މައިވަންތަކަމުގެ ލޯބީގެ ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ކުއްޖާއަށް ގާތުން ކިރު ދިނުމަކީ ކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، މައިމީހާއާ އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. މިއީ މުޅި އުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ބިންގަލެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ގާތުން ކިރު ދިނުމަށް ދެވޭ ”ނާސިންގް ބްރޭކް” ނުވަތަ ވަގުތުކޮޅު ދެ އަހަރަށް އިތުރުކޮށްދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ (މެޓާނިޓީ ލީވް) ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްޙީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅު ބެލެހެއްޓުމަށް ދުވާލަކު ދެ ފަހަރު، ކޮންމެ ފަހަރަކު 30 މިނެޓުގެ ވަގުތުކޮޅެއް މުސާރައިން ނުކެނޑޭ ގޮތަށް ދޭންޖެހެއެވެ. މީގެ ކުރިން އެއް އަހަރަށް ދެމުންދިޔަ މި ފުރުސަތު، މިއަހަރުގެ މާރިޗު މަހު ގެނައި އިސްލާހާއެކު ވަނީ ދެ އަހަރަށް އިތުރުކޮށްފައެވެ. އަދި ގާނޫނުގެ ދަށުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ލިބޭނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ކުދިންގެ ދިރިއުޅުމަށް ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ދެއްވާފައިވާ މިފަދަ ހައްގުތަކާއި އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މުޅި މުޖުތަމައުގެ ޒިންމާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރަކީ ”ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން“މިއެވެ.
ކޮންމެ އަހަރެއްގެވެސް އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި ފާހަގަކުރާ މި މުނާސަބަތުގައި، ޝިއާރާ އެއްގޮތަށް މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.




