ޕާކިސްތާނުގެ ކަރާޗީގެ ގައްޔޫމްއާބާދު ސަރަހައްދުގައި އުމުރުން އެންމެ 18 މަހުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލި މައްސަލައަކާ ގުޅިގެން މުޅި ގައުމު ސިއްސުވާލައި، ރައްޔިތުންގެ ބޮޑު ނުރުހުމެއް އަމާޒުވެއްޖެއެވެ.
އައިޒަލް އަލީ ނަމަކަށް ކިޔާ މި ތުއްތު އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ ގެޔެއްގައެވެ. ކުޑަކުއްޖާގެ އާއިލާއާ ގާތް ގުޅުމެއް އޮތް 17 އަހަރުގެ ޒުވާނެއް ކަމަށްވާ ޢަބްދުލް މަންނާން، ހިނގާލަން ދިއުމުގެ ނުވަތަ އެއްޗެއް ގަނެދިނުމުގެ ބަހަނާގައި ކުއްޖާ ގެއިން ބޭރަށް ގެންގޮސްފައިވެއެވެ. އަދި އޭގެފަހުން ކުއްޖާ ވަރަށް ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް އާއިލާއާ ހަވާލުކޮށްފައިވެއެވެ.
ކުއްޖާގެ މަންމަ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، އޭނާ މަސައްކަތުން ގެއަށް އައުމަށްފަހު ކުއްޖާ އާއިލާ މީހަކާ ހަވާލުކޮށްފައި ކުޑަ ކަމަކު ބޭރަށް ދިޔައީއެވެ. މަންނާނަކީ އެގޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅޭ އާއިލާއަށް އެނގޭ އަދި ކުރިންވެސް ކުއްޖާއާ ގުޅިގެން އުޅެފައިވާ މީހެއް ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
މެޓަލެއް ގަނެދޭން ކަމަށް ބުނެ ކުއްޖާ ބޭރަށް ގެންދިއުމަށްފަހު، މަންނާން ވަނީ ކުއްޖާ ހޭނެތިފައި ނުވަތަ ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް އަނބުރާ ގެނެސްފައެވެ. ކުއްޖާ ހޮޑުލާތީ ފުރަތަމަ އާއިލާއަށް ހީކުރެވުނީ ކާ އެއްޗަކުން ވީ ގޮތެއް ކަމަށެވެ. ނަމަވެސް، ނެޕީ ބަދަލުކުރި ވަގުތު ލޭފެނުމުން ކުއްޖާގެ ހާލު މާބޮޑަށް ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލުން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ހުރި ކަން ކަށަވަރުކޮށްދިން ކަމަށާއި، ފަރުވާދެމުން ދަނިކޮށް ކުއްޖާ މަރުވެފައިވާ ކަމަށް މަންމަ ބުނެފައިވެއެވެ.
ކަރާޗީގެ ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އާންމު ރައްޔިތުންނާއި، މަޝްހޫރު ފަންނާނުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ”މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދީ، ކުޑަކުދިން ރައްކާތެރިކުރުމަށް ނިޒާމީބަދަލުތަކެއް ގެންނަން ޖެހޭ” ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


