ރަޝިޔާގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ތަތަރިސްތާނަށް ޔޫކްރެއިނުން މިއަދު ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެއެވެ.
މިއީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި، ޔޫކްރޭނުން ރަޝިޔާގެ އެތެރެއަށް އަމާޒުކޮށް ދިން އެންމެ ގެއްލުން ބޮޑު އެއް ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ތަތަރިސްތާނުގެ ނިޒްނެކަމްސްކް ސިޓީއަށެވެ. އެ ސަރަޙައްދުގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މި ހަމަލާގައި 12 މީހުން މަރުވެ، އިތުރު 39 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް ރޭގެ ވަގުތުތަކުގައި ދިން ހަމަލާތަކެއް ޔޫކްރެއިނުން ދިފާޢުކޮށްފައިވަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން، ތަތަރިސްތާނުގެ ވެރިޔާ ރުސްތަމް މިނިޚަނޯވް ވަނީ އެ ސަރަޙައްދުގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ މުއްދަތެއް އިޢުލާނު ކުރައްވާފައެވެ. މިކަން ހާމަކުރައްވަމުން ނިޒްނެކަމްސްކްގެ މޭޔަރު ރަދްމިރް ބެލްޔައޭވް ވިދާޅުވީ، މިއީ މުޅި ސަރަޙައްދަށްވެސް ލިބުނު ބޮޑު ސިހުމެއް ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ހަނގުރާމައަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސުލްޙައިގެ މަޝްވަރާތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. ޔޫކްރޭނުން ބުނަމުންދަނީ ސުލްޙަ ގާއިމުކުރެވޭނީ ރަޝިޔާ ސިފައިން އެ ޤައުމުގެ ހުރިހާ ބިންތަކުން ފޭބުމުން ކަމަށެވެ. ނަމަވެސް، ރަޝިޔާއިން ބުނަމުންދަނީ މިހާރު ހިފާފައިވާ ޔޫކްރޭނުގެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ހަނގުރާމައިގެ ކުރީ ސަފުގައި ބޮޑު ކުރިއެރުމެއް ނުލިބި ދިގުލައިގެން ދާތީ، ދެފަރާތުންވެސް މިހާރު ބޮޑަށް އިސްކަންދެމުންދަނީ ދުރު ހިސާބުތަކަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކުރުމަށެވެ.


