ހައުސިން މިނިސްޓްރީގައި 12 ޑިސެމްބަރު 2024 ގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގީ، ބަޔަކު ގޮސް އެތަނުގައި ރޯކޮށްލައިގެން ނޫން ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން އެގޮތަށް ވިދާޅުވީ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޒިޔާދު އެ އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އިހުސާން ވިދާޅުވީ ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއީ ބަޔަކު ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަމަށް ތަހުގީގަށް ހޯދިފައިިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއްގެ ގޮތުގައި ނޫން ހާދިސާގެ ތަހުގީގުން މި ފެންނަނީ“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެ ހާދިސާގައި ހިނގުމުގައި ބަޔަކު ބައިވެރިނުވާ ކަމަށް ތަހުގީގަށް އެނގުނީ، އެތަނަށް ފުރަތަމަ ދިޔަ ފުލުހުންގެ ބޯޑީކެމް ވީޑިއޯ ފުޓޭޖުންނެވެ.
”އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖްގައި އެތަނަށް އެޓެންޑްވި ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ، ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަން ތެރޭގައި ހުރި ވަޔަރުތަކެއްގައިކަން،“ އިހުސާން ވިދާޅުވި އެވެ.
މި ތަހުގީގުގެ ތަފްސީލު މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ހާމަ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.


