ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ހުރި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވި މައްސަލައިގައި، އެ ކުއްޖާ ފުލުހުންނާ ކުރި މުއާމަލާތުގެ މެސެޖުތައް އާއްމުކުރީ އާއްމުން ފުލުހުންނާމެދު ކުރާ އިތުބާރު ދެމެހެއްޓުމަށް ކަމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އެ ކުއްޖާއަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ނަފްސާނީ އެހީތެރިކަން އެންމެ އެކަށީގެންވާވަރަށް ނުލިބޭކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅިގެން މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވަނީ އެ ކުއްޖާ ފުލުހުންގެ ހެލްޕްލައިނަށް ކުރި މެސެޖުތަކާއި ދެކެވުނު ވާހަކަތައް ހިމެނޭ މެސެޖުތަކެއްގެ ޓައިމްލައިނެއް ވެސް އާއްމުކުރައްވާފައެވެ.
ޓައިމްލައިން އާއްމުކުރުމާ ގުޅިގެން މިނިސްޓަރު އިހުސާނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އެއިރުވެސް އަމާޒުވެފައެވެ.
މި މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެކުގައި ކުރެވޭ މުއާމަލާތްތަކަކީ ރައްކައުތެރިކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
އެ ހާދިސާ ހިނގިފަހުން އާންމުންގެ މެދުގައި ދޮގު މައުލޫމާތުތައް ފެތުރެމުން ދިޔަ ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކަށް މެދުކެނޑުމެއްނެތި ޚިދުމަތްދޭން ތައްޔާރަށް އޮންނަ ޚިދުމަތެއް ކަން އިޙްސާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އިތުބާރާއެކު ފުލުހުންނަށް ޚިދުމަތްދެވޭނެ ކަމުގެ ޔަގީންކަން އޮންނަންވާނެއެވެ.
”އެ މުއައްސަސާގެ އެ ޔަގީންކަން ރައްޔިތުންގެ ތެރޭގައި ގެއްލުވައިލުމުގެ އޯގަނައިޒްޑް ހަރަކާތެއް އެ ދުވަހު ހިނގަމުން ދިޔައީ،“ އިހުސާން ވިދާޅުވިއެވެ.




