ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ އެކަނި މާރުކުރަން ޖެހޭ ގޮތަށް ހިމެނޭހެން، ރިސޯޓްތަކަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގޭ ގޮތް ހަރުކަށިކުރަން ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުންނަމަ ރިސޯޓަކުން ބޭނުން ވެއްޖެ ނަމަ، އެ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވިދާނެ އެވެ. ނުވަތަ ޖެހެނީ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރާށެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނި ގޮތުގައި ބޭރުފައިސާ މާރުކުރުމުގެ ގާނޫނަށް މިފަހަރު ގެންނަ ބަދަލުގެ ދަށުން ކެޓަގަރީ އޭގެ ވިޔަފާރިތައް ނުވަތަ ރިސޯޓްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ދީފައި އޮންނަ އިހުތިޔާރު އުވާލާނެއެވެ.
އެގޮތުން މި އިސްލާހުގެ ދަށުން ރިސޯޓްތަކަށް މާރުކުރަން މަޖުބޫރު ވާނީ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތައެވެ. ނަމަވެސް މި އިސްލާހުގެ ދަށުން، ކެޓަގަރީ ބީ ނުވަތަ ގެސްޓްހައުސްތައް އަދި ކެޓަގަރީ ސީ ނުވަތަ ސަފާރީ އުޅަނދުތައް ހިމެނޭ ބައިން ޑޮލަރު މާރުކުރަން އޮތް އުސޫލަށް ބަދަލެއް ނުގެނެއެވެ. އެ ފަރާތްތަކުން ހަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ 20 އިންސައްތައެވެ.
އެމްއެމްއޭ އިން ވަނީ ޓޫރިޒަމް ނޫން ދާއިރާތަކުގެ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ އަަދަދު މަތިކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ވަނީ ނިންމާފައެވެ.
އެ އިސްލާހަކީ އަހަރެއްގެ ތެެރޭ 25 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމެވެ.
މިހާރު އޮންނަ ގޮތުން، 15 މިލިއަން ރުފިޔާއަށް ވުރެ މަތިން ޑޮލަރުގެ އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން ޑޮލަރު މާރުކުރަން މަޖުބޫރެވެ.




1 Comment
ތިހެން ހެދީއޭ ކިޔާފަ ވަކި ޑޮލަރު ރޭޓް ވެއްޓޭނެތަ؟ ހައްތާ މައްޗަށް އޭތި އަރައިގެން ދާނީ