ރާއްޖޭގެ ޕޭމެންޓު ސިސްޓަމް ތަރައްގީކޮށް އިތުރަށް ހަރުދަނާކުރުމަށް، ނޭޝަނަލް ޕޭމެންޓު ސްވިޗެއް ގާއިމްކުރުމުގެ ބާރު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ގޮތަށް ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅައިފިއެވެ.
އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އިއްޔެގެ ޖަލްސާގައި ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ވެސް ވަނީ ފޮނުވައިފައެވެ.
ގާނޫނަށް ހުށަހެޅި މި އިސްލާހުގައި، ނެޝަނަލް ޕޭމެންޓު ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމެއް ނެޝަނަލް ޕޭމެންޓު ސްވިޗުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ދޭން ވަނީ ހިމަނާފައެވެ.
އެއާ އެކު، ބޭންކުތަކާއި ޕޭމެންޓުގެ ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ހިންގާ މުއާމަލާތްތަކުގެ ތެރެއިން އެމްއެމްއޭން ކަނޑައަޅާ ޕޭމެންޓު މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓުކުރަންވާނީ އެ ސްވިޗުގެ ތެރެއިން ކަމަށް އިސްލާހުގައިވެއެވެ.
ބިލު ހުށަހަލުއްވަމުން މެންބަރު ޝާހިދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ ގައުމީ ޕޭމެންޓު ސިސްޓަމްތަކުގެ ގަވަނަންސް އަދި މޮނިޓަރިން ހަރުދަނާކުރުމަށް ކަމަށެވެ.
މެންބަރު ޝާހިދު ވިދާޅުވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ތަފާތު ބޭންކުތަކާއި ޕޭމެންޓު ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިއުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑު ނުވަތަ ވޮލެޓުން އަނެއް ބޭންކެއްގެ މެޝިނަށް ނުވަތަ ކިޔުއާރު ކޯޑަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެއެވެ.
މީގެއިތުރުން، މަރުކަޒީ ސްވިޗެއް މެދުވެރިކޮށް މުއާމަލާތްތައް ރޫޓު ކުރުމުން ބޭރުގެ ނެޓްވޯކުތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، މުއާމަލާތްތަކުން ނަގާ ފީ ކުޑަވުމަށް މަގުފަހިވާނެކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.



